ޚަބަރު

އަލިފާނުގެ ހާދިސާއަށްފަހު އެފްކޮންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީން ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގެ މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މިއަދު "ވަން" އަށް ވިދާޅުވީ, އަލިފާނުގެ ހާދިސާއަށްފަހު އެކޮމޮޑޭޝަން ބްލޮކުގައި އުޅުނު މީހުންގެ ތެރެއިން އެކަކު މަދުކަން އެފްކޮންސް ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ އިންޑިއާ މީހެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފުން ސާޗްކޮށް ނިންމާލައިފި. އެކަމަކު މީހެއްގެ ހަށިގަނޑު ފެނިފައެއް ނުވޭ," ޖިނާން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނާ ގޮތުން, ރޯވި އެކޮމޮޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅުނެވެ. އޭގެ ތެރެއިން 76 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދޭން ޖެހުނެވެ.

އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ހުރިހާ އެއްޗެއް އަނދައި ހާލުގައި ޖެހުމުން މުވައްޒަފުން މިއަދު އިހުތިޖާޖު ކޮށްފައިވާއިރު, އެ މީހުންނަށް ކުންފުނިން އެހީވާނެ ކަމުގެ ޔަގީންކަން ދިނުމުން އިހުތިޖާޖު ވަނީ ހުއްޓާލައިފަ އެވެ.