ޖުމްހޫރީ ޕާޓީއަށް ސަރުކާރާއެކުގައި ކޯލިޝަން ހަދައި ހަމައެއާއެކު އޮޕޯޒިޝަނާ ކޯލިޝަން ހަދައިގެން ތިބެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕާލަމެންޓް ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިހާރު ފެނިގެން ދަނީ ޖުމްހޫރީ ޕާޓީގެ ތޮފި އަޅައިގެން ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ނަމުގައި މަސައްކަތްކުރަމުން ގެންދާ މަންޒަރު ކަމަށެވެ.
އެކަމަކީ ޖުމްހޫރީ ޕާޓީން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރު ހިންގުމަށް ދަތިކުރާނެ އިސްލާހުތަކާ އެއްޗެހި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި، ސްލޮޓް ކޮމިޓީތަކުން ނަންގަވައިގެން ތިއްބަވައިގެން ޕީޕީއެމްއާއެކު ތިއްބަވައިގެން ވޯޓު ދެއްވައިގެން އެގޮތަށް މަސައްކަތް ކުރިއަށް ގެންދާތަން،" ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަސްލު ޖުމްހޫރީ ޕާޓީއަކީ ކޮބައިކަން މިހާރު ނޭނގޭ ކަމަށެވެ.
"މި ކަންކަމަކީ ރައްޔިތުންނާ ވަރަށްބޮޑަށް ގުޅިފަ ހުރި ކަންކަމަށް ވާއިރު ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުގެ ކޯލިޝަން ތެރޭގައި ތިއްބަވައިގެން ޖުމްހޫރީ ޕާޓީގެ މެންބަރުން ކަމުގައި ހެދިގެން ތިބެ ޕީޕީއެމް މެންބަރުން މިކަންތައްތައް ކުރިއަށް ގެންދެވުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" ރޮޒައިނާ ވިދާޅުވިއެވެ.