ޚަބަރު

ރަޝިއާ ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

އަހުމަދު ޖައިޝަން

ރަޝިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔުރީ މަޓެރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ރަޝިޔާއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކިދާއިރާތަކުން ރަޝިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކާއި ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މަޓެރީގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާއާއި ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މަޓެރީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ރަޝިޔާއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ފާހަގަކުރެއްވިއެވެ.