ޚަބަރު

މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރުމަށް ޒާހިދު ނިންމައިފި

މަރިޔަމް ޝަހުދާ

އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހުގެ ސ.ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލި ޒާހިދު ރަމީޒް (ޒާހިދު ކްރިއޭޓަރ) މަޖިލީހުގައި ވާދަ ނުކުރުމަށް ނިންމައިފި އެވެ.

ޒާހިދު މަޖިލީހުގައި ވާދަ ނުކުރުމަށް ނިންމާ އެކަން ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އާންމުކޮށްފައެވެ. މަޖިލީހަށް ވާދަނުކުރަން ނިންމި ވަކި ސަބަބެއް ޒާހިދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޒާހިދު ވަނީ އެދާއިރާގެ އިތުރު ކެނޑިޑޭޓަކަށް އޭނާ ތާއިދު ނުކުރާކަމަށް ވިދާޅުވެފައެވެ.

ޒާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރަން ނިންމި ނަމަވެސް ދެން އޮންނަ މަޖިލީހުގެ އިންތިހާބުގައި އޭނާ ވާދަކުރާނެއެވެ. އަދި މަޖިލީހުގެ އިންތިހާބުން އެނާގެ ނަން ނެގުމަށް ނިންމާފައިވާކަން އިލެކްޝަނަށް އަންގާނެކަމަށް އޭނާ ހާމަކުރިއެވެ.

ދާދިފަހުން ޕީޕީއެމް އިން ވަކިވި ޒާހިދަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަށް މަޖިލީހުގައި ވާދަކުރުމަށް ޕީޕީއެމް އިން ޓީކެޓު ދިން ނަމަވެސް ޕީޕީއެމް އިން ފަހުން ވަނީ އެދާއިރާގެ ޓިކެޓު އޭނާ އަތުން އަތުލާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފައެވެ.