ޕިކްނިލް އައިލެންޑްގެ ވަޒީފާތަކަށް މީހުން ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އޯޕެން ޑޭ އެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން މިރޭ ބުނީ، އޯޕެން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެޗްޑީސީ އޮފީސްގައި ކަމަށެވެ.
އެޗްޑީސީން ވަނީ ވަޒީފާއަށް ނަގަން ބޭނުންވާ ދާއިރާތަށް މުސާރައާއެކު އާންމުކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިމަހުގެ އެއް ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، މިއަހަރު ނިމުމުގެ ކުރިން ޕިކްނިކް އައިލެންޑް ހުޅުވާނެ ކަމަށެވެ.
މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހު ވަނީ މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެރަށު މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި ވަނީ އެރަށް ފެހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.[. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.
ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.
ކުޑަގިރި އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީއިން މިމަހުގެ ދެވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީގެ އިތުރުން 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީއެވެ.
ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10 ގަ އެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 17:20 އާއި 17:40 އަދި 18:00 ގަ އެވެ. ނަމަވެސް ހިދުމަތް ދޭން ފެށުމާއެކު އެ ތާވަލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ފެރީގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން އިއުލާންކުރި ނަމަވެސް ކުޑަގިރިއަށް ދެވޭނެ އަގެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރި ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.