ޚަބަރު

ފައިދާ ހުރި ކާނާ ލިބި، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ''ދަނޑުވެރި ނަފާ'' ލޯން ސްކީމް އިފްތިތާހުކޮށްފި

މަރިޔަމް ޝަހުދާ

ފައިދާ ހުރި ކާނާ ލިބި، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ''ދަނޑުވެރި ނަފާ'' ލޯން ސްކީމް އިފްތިތާހުކޮށްފި އެވެ.

''ދަނޑުވެރި ނަފާ'' ލޯން ސްކީމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ހާއްސަކޮށް މިއަދު އިފްތިތާހު ކުރި އެސްއެމްއީ ބޭންކުގެ ހިދުމަތުގެ ތެރެއިން ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާއިން އެއް ދާއިރާއެވެ. އެގޮތުން އެސްއެމްއީ ބެންކުން ތައާރަފް ކުރި ''ދަނޑުވެރި ނަފާ'' ލޯން ސްކީމަކީ ދަނޑުވެރިކަން މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ތައާރަފް ކުރެވުނު ލޯން ސްކީމެކެވެ.

އެސްއެމްއީ ބޭންކް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ''ދަނޑުވެރި ނަފާ'' ލޯން ސްކީމްގެ މައިގަނޑު މަގްސަދަކީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުންކަމަށް ވިދާޅުވެފައެވެ. އަދި މި ސްކީމްގެ ސަބަބުން ދަނޑުވެރިކަމުގެ އުއްފެއްދުންތެރިކަން އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް ހާއްސަ ''ދަނޑުވެރި ނަފާ'' ލޯން ސްކީމްގެ އިތުރުން މިއަދު ވަނީ އެސްއެމްއީ ބޭންކުން ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނުގެ އިތުރުން ހަރުމުދާ ލޯން ސްކީމްތައް ތައާރަފްކޮށްފައެވެ.