ދިވެހިންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ލިބެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދުމަތް ފެށުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރީގެ %93 އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ވާއިރު ރާއްޖޭގެ ގައުމީ އިގްތިސާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނުގެ ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކުރުމަށް މިއަދު އެސްއެމްއީ ބޭންކްގެ ހިދުމަތް ފެށިއިރު މި ބޭންކުން އަންހެނުންނާއި ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމެއް އެކުލަވާލާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި މި ބޭންގެ ހިދުމަތާއެކު އެތައް ޒުވާން ވިޔަފާރިވެރިންނެއް އުފެދިގެން ދާނެއެވެ. އަދި މީގެ އިތުރުން ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތައް އިތުރުވެ، މިކަމުގެ ސަބަބުން ގައުމީ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކުޑަ އިންޓްރެސްޓަކާއެކު އެސްއެމްއީ ބޭންކްގެ ލޯނުގެ ހިދުމަތް ތައާރަފް ކުރިއިރު އެ ސްކީމަކީ ގައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯނު ސްކީމެއް ކަމަށް ރައީސް ވިދާޅުވިއެވެ.