ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެސްއެމްއީ ބޭންކިންގް ގެ ހިދުމަތް ފަށައިފި އެވެ.
މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެސްއެމްއީ ބޭންކް ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެސްއެމްއީ ބޭންކިންގެ ހިދުމަތަކީ މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކޮށް ވިޔަފާރިއަށް ބޭނުންވާ ލޯން ފަސޭހައިން ލިބޭނެ ގޮތެއް ހޯދައިދިނުމަށް ފެއްޓެވި ހިދުމަތެކެވެ. މި ހަތަރު ދާއިރާ އަކީ ދަތުރު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާނެ ލޯނުގެ އިތުރުން ހަރުމުދާ ލޯނެވެ.
އެސްއެމްއީ ބޭންކިންގެ ހިދުމަތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަވާއިރު މި ބޭންކުގެ ވަކި ބައެއް އަންހެނުންނާއި، ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާނެ ކަމަށް މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ފެށި އެސްއެމްއީ ބޭންކްގެ ހިދުމަތަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.