ޚަބަރު

ވަޅުގަނޑެއް ތެރޭ ތާށިވި ދެ މީހުންގެ ހާލުވެސް ސްޓޭބަލް: އައްޑޫ ހޮސްޕިޓަލް

އައްޑޫ ހިތަދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށްޓަކައި ހޮޅިއެއް ވަޅުލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފަސްގަނޑު ކަނޑައިގެން ގޮސް އޭގެ ދަށުގައި ވަޅުލެވިގެން ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އިއްޔެ ހިނގި އެ ހާދިސާގައި ވަޅުލެވުނީ އުމުރުން 50 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ. އެއީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ ހިތަދޫ ދެ މީހުންނެވެ.

އޭއީއެޗުން މިއަދު "ވަން" އަށް ބުނީ, އޭގެ ތެރެއިން 40 އަހަރުގެ މީހާގެ މޭމަތީގައި ފްރެކްޗާއެއް އެބަހުރި ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް ހާލު ސްޓޭބަލް ކަމަށް ބުންޏެވެ.

އުމުރުން 50 އަހަރުގެ މީހާއަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށާއި އޭނާ މިއަދު ޑިސްޗާޖު ކޮށްލާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް "ވަން" އިން ފެނަކަ ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލަށާއި އައްޑޫގައި ހުންނަ އެ ކުންފުނީގެ ބްރާންޗަށް ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ފުލުހުންވެސް މިކަމާ ގުޅިގެން ޖަވާބެއް ދީފައެއް ނުވެއެވެ.