އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެގޫންސް ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.
ލެގޫންސްއިން ޗެމްޕިއަންކަން ހޯދީ ރޭ ޓާފް ދަނޑުގައި ކުޅުނު ފައިނަލުގައި 2-1 އިން މަސްއޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ލެގޫންސް އިން ތިން ވަނަ ޑިވިޝަން ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ.
ރޭ ކުޅުނު ފައިނަލްގެ 24 ވަނަ މިނެޓުގައި ލެގޫންސްއިން ގޯލު ޖަހައި ލީޑު ނެގިއެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މުހައްމަދު ޝިފާން މުހައްމަދު ނަޒީރެވެ. ދެވަނަ ހާފުގައި ލެގޫންސްގެ ލީޑު ފުޅާކޮށްދިނީވެސް އޭނާއެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން މަސްއޮޑިން ކުރި މަސައްކަތުގައި އެ ޓީމުގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލް މަސްއޮޑިއަށް ޖަހައިދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.
ތިންވަނަ ޑިވިޝަންގެ ފެއާޕްލޭ ޓީމަކީ އަނަކީ ސްޕޯޓްސް ކްލަބެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ލެގޫންސްގެ ޖިނާހު ހާރޫން ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލެގޫންސްގެ މުހައްމަދު އަމަން މުހައްމަދު ފައިޒެވެ.
ރޭގެ ފައިނަލް މެޗަށްފަހު ޗެމްޕިއަންކަން ހޯދި ލެގޫންސްއަށް ތަށި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މި އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގައި ޖުމުލަ 17 ޓީމަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުވެސް ހިމެނެއެވެ. އެ ޓީމަށް ތިންވަނަ ޑިވިޝަނުން ފުރުސަތު ދިނީ ތަޖުރިބާއަކަށެވެ. އެ ޓީމުގެ މެޗުތަކުގެ ޕޮއިންޓްތައް ގްރޫޕް ސްޓޭޖުގައި ގުނާފައެއް ނުވެއެވެ.