ފުޅާ ދާއިރާއެއްގައި ބަނގުރާގެ ވިޔަފާރިކުރި ކަމުގެ މައްސަލައެއްގައި އަށް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މައްޗަންގޮޅި ގެއެއްގައި ދިރިއުޅޭ ބަޔަކު ބަނގުރާ އުފައްދައި ބަނގުރާ ބޭނުންކުރާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް އަށް ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ދެއެވެ.
އެ އޮޕަރޭޝަންގައި ގެއެއް ބަލައި ފާސްކޮށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި 500 މިލިލީޓަރުގެ 888 ޕްލާސްޓިކްފުޅި އާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި ފަސް ލީޓަރު ހަ ފުޅީގެ އިތުރުން 14 ޓައްޕު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 22 އަހަރާއި 24 އަހަރާއި 25 އަހަރާއި 26 އަހަރާއި 27 އަހަރާއި 29 އަދި 31 އަހަރުގެ ފިރިހެނުން ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.