މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް "ވަން އޮންލައިން" ގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ސިމާއު (ސިމްބެ) އިންތިހާބުކޮށްފިއެވެ.
އެމްއެމްސީގެ އާ ދައުރަށް މެމްބަރުން އިންތިހާބު ކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ މެމްބަރުންގެ ތެރޭގައި ސިމާއު ހިމެނެއެވެ.
މި އިންތިހާބުގައި 93 މީޑިއާއަކުން ވޯޓުލާފައިވާ އިރު، މީޑިއާތަކުން ހަތް މެމްބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރުން ތިބޭ މި ކައުންސިލަށް މީޑިއާތަކުން 10 މީހުން ކުރިމަތިލިއެވެ. އާއްމުންގެ ތެރެއިން މެމްބަރު ކަމަށް ކުރިމަތިލީ 12 މީހުންނެވެ.
ކުރިއަށް އޮތް ދައުރަށް އެމްއެމްސީއަށް މެމްބަރުން އިންތިހާބު ކޮށްފައި މިވަނީ މިހާރު ހިނގަމުންދާ ދައުރު ހަމަވާތީއެވެ.
ދެ އަހަރުގެ ދައުރެއް ހިމެނޭ، އެމްއެމްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ބުދަ ދުވަހުއެވެ.