އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސަކަށް ޑރ. އާސިމް އަހުމަދު އިންތިހާބުކޮށްފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި އާސިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ޑރ. އާސިމަކީ އދ. ގެ ޖެނީވާ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން ޑރ. އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތްކުރައްވައިފައެވެ.
ރާއްޖޭގެ އިތުރުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަމަށް އިންތިހާބުވީ ބޮލީވިއާ، ލަކްސަމްބާގް އަދި ގަމްބިއާއެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ.
މި ބޭފުޅުން އެ ކައުންސިލް ހިންގަވަން ފައްޓަވާނީ މިއަންނަ އަހަރުން ފެށިގެންނެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ޑރ. އާސިމް އިންތިހާބުވެވަޑައިގަތުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރުގަދަ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
އިންސާނީ ހައްގުތައް ދަމަހައްޓައި ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ގާނޫނުތަކަށް އިހުތިރާމުކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.