މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދިއަ އޮޕަރޭޝަނުގައި ފޯނާއި ސިމްކާޑުގެ އިތުރުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ސިފައިން ގުޅިގެން ފެށީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭއެވެ. މި އޮޕަރޭޝަނަކީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ހިންގި އޮފަރޭޝަނެއް ކަމަށް މީގެ ކުރިން ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.
ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ މާފުށީ ޖަލު ސަރަހައްދުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި އޮޕަރޭޝަން އިއްޔެ މެންދުރު 12:00 ގައި ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފޯނާއި ސިމްކާޑުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއްވެސް ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ބޮން ހަދާ ސާމާނާއި އެ ހަދާނެ ގޮތިގެ އިރުޝާދު ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ މި އޮޕަރޭޝަނުގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.