ޝަހީދާ އަބްދުﷲ ސައީދު
މިއަހަރުގެ ތެރޭގައި ނ. ކެނދިކުޅުދޫ ސުކޫލުގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ހިލޭ ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލިސް 19 އަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އީސާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް މިއަދު ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކެނދިކުޅުދޫއަކީ ބޮޑު ސަރަހައްދެއްގައި މީހުން ދިރިއުޅޭ ރަށެއް ކަމަށާއި ކުދިން ސުކޫލަށް ގޮސް އައުމަށް ބެލެނިވެރިން އަތުން ބަހުގެ ހިދުމަތަށް އަގު ދޭންޖެހޭ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ބެލެނިވެރިން އަތުން ބޮޑު ހަރަދެއްކޮށްގެން ދަރިވަރުން ސްކޫލަށް ގެންގޮސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ސަރުކާރުން ހިލޭ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
ރައީސް ވަނީ އެދާއިރާގެ ކެންޑިޑޭޓް އަހުމަދު އީސާ މަޖިލީހަށް އިންތިޚާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި އެޖެންޑާ19 ކާމިޔާބުކޮށް ރާއްޖެއަކީ ޖަޒީރާވަންތަ ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.