ޝަހީދާ އަބްދުﷲ ސައީދު
ތުތި ބޯވަދިލަ މަސް ބޭނުމުގެ ތަމްރީން ހޯދާފައިވާ މީހަކު މަސްވެރިކަމުގެ ފުރަތަމަ ދުވަހު 18 ކިލޯގެ ބަރުދަންހުރި މަހެއް ބާނައިފިއެވެ.
ފިޝަރީޒު މިނިސްޓްރީން ބުނީ އެމިނިސްޓްރީންް ކުރިއަށް ގެންދިޔަ ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، އެކަމަށް ބޭނުންވާ އާލާތްތައް ނަގައިގެން އަލީ އިގުބާލު އެމަސައްކަތް ފުރަތަމަ ފެށީ އިއްޔެ ކަމަށެވެ.
އޭނާ ބޭނި މަހުގެ ބަރުދަނުގައި 18 ކިލޯ ހުރިއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭނި އެންމެ ބަރު ތުތި ބޯވަދިލަ މަސް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ތުތި ބޯވަދިލަ މަސް ބޭނުމުގެ ތަމްރީނު ދިނުމަށް މިހާތަނަށް ދެ ޕްރޮގްރާމެއް މިނިސްޓްރީން ހިންގާފައިވެއެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ދޫކުރާ އެއްޗެއްސަކީ އަގުބޮޑު އެއްޗެހި ކަމަށެވެ. އެހެންކަމުން އެތަކެތި ދޫކުރާނީ ދިގު މުއްދަތުން އަގު އަދާ ކުރާގޮތަށް ކަމަށެވެ.
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލީހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.