ޚަބަރު

އެންޓި ބުލީ އެމްބެސެޑަރުގެ މައްޗަށް ބުލީކުރިކަމުގެ ތުހުމަތުތަކެއް، ކުންފުނިތަކުން ގުޅުން ކަނޑާލައިފި

އަހުމަދު ޖައިޝަން

ދިވެހި ޔޫޓިއުބާ ކަމަށްވާ އާލިފް ނަސީރު ނުވަތަ އާންމުންނަށް އެނގޭ ނަމުން ނަމަ އާލް ނަސީރު ވަނީ އެންޓި ބުލީން އެމްބެސެޑަރަކަށް އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ހަމަޖައްސައިފައެވެ. ނަމަވެސް އެއަށްފަހު އޭނާއާ ދެކޮޅަށް ޓުވިޓާގައި ގިނަ ބަޔަކު ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އެއާއެކު ބޮޑެތި ކުންފުނިތަކުން އޭނާއާ އޮތް ގުޅުން ދަނީ ކަނޑާލަމުންނެވެ.

އާލް ނަސީރާ ދެކޮޅަށް ތުހުމަތުތަކެއް ފެންމަތިވާން ފަށާފައިވަނީ ދާދިފަހުން އޭނާ ޕޯސްޓުކުރި ވީޑިއޯއެއްގައި އާންމުވި ތްރެޑަކާ ގުޅިގެންނެވެ.

ޓްވިޓާ ޔޫސަރެއްގެ ތްރެޑުގައި އޭނާ ވަނީ ފުރަތަމަ އާލް ނަސީރާ ގުޅޭގޮތުން ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނިގޮތުގައި އާލް ނަސީރު ވަނީ އޭނާއަށް ޖިންސީ ފުރައްސާރަކޮށް ބްލެކްމެއިލް ކުރުމަށް މަސައްކަތްކޮށްފައެވެ.

އެ ވާހަކައާ ގުޅިގެން ޒުވާން އަންހެން ކުދީން ވަނީ އާލް އާ ގުޅުންހުރި އެފަދަ ވާހަކަތަކެއް ހިއްސާކުރަން ފަށާފައެވެ. އަދި އެ އަންހެން ކުދީންނަށްވެސް ބްލެކްމެއިލް ކުރުމާއި ފޮޓޯ ފޮނުވަން އެހުން ފަދަ ކަންތައްތައް ކުރި ކަމަށް ބުނެފައިވެއެވެ.

ތަފާތު ގިނަ އަންހެންކުދީން ވަނީ އެކުދީންގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެކަމާ ގުޅިގެން އާލް ނަސީރު ޓްވިޓާގައި މައާފަށް އެދުމާއެކު އެ ޓްވީޓަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ލައިކެއް ދެއްވައިފައެވެ. އެ ޕޯސްޓަށް ލައިކް ދެއްވީ އާލް ނަސީރު ބުނި އެއްޗަކާ ގުޅިގެން މައާފަށް އެދިފައިވާ ކަމަށް ހީކުރައްވައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގެ ސީރިއަސްކަން އެނގިވަޑައިގެން އެ ޕޯސްޓް އަންލައިކް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ޖިންސީ ފުރައްސާރަކުރުމާ ގުޅޭގޮތުން އޮތީ ޒީރޯ ޓޮލަރެންސް. އެމްބެސެޑަރުގެ މަގާމުގައި ހުންނަ ފަރާތަކަށް އެފަދަ ތުހުމަތުތަކުން ބަރީއަ ވެގެން ހުރުމަކީ މުހިއްމު ކަމެއް. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ މަސައްކަތް އަޅުގަނޑު ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އާލް ނަސީރަކީ ބޮޑެތި ކުންފުނިތައް ކަމަށްވާ ދިރާގު، ލެކިއުޓް އަދި ލޮޓަސް ފިހާރައާ ކޮލެބޮރޭޓް ކުރަމުންދިޔަ ފަންނާނެކެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ދިރާގާއި ލެކިއުޓް އަދި ލޮޓަސް ފިހާރައިން ވެސް ވަނީ އާލް ނަސީރާ އެކު އޮތް ގުޅުން ކަނޑާލުމަށް ނިންމާފައި ކަމަށް ބުނެފައެވެ.