ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާފަރު އެއާޕޯޓް ހަދާ ފަރާތަށް ކުރީގެ ސަރުކާރުން ދޭން އެއްބަސްވީ އެހެން ފަރާތަކަށް ދީފައި އޮތް ދެރަށް: ރައީސް

އިބްރާހިމް ޒަކީ

ނ. އަތޮޅު މާފަރު އެއާޕޯޓުގެ މަސައްކަތް ކުރީގެ ރައީސް، ޔާމީންގެ ސަރުކާރުން ހަވާލުކުރިއިރު އެގްރީމެންޓްގައި އެއާޕޯޓް ހަދާ ފަރާތަށް ރައީސް ޔާމީންގެ ސަރުކާރުން ދޭން އެއްބަސްވެފައިވާ ދެރަށް އޮތީ އެ ސަރުކާރުން އެހެން ފަރާތަކަށް ކުއްޔަށް ދީފައިކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ނ. މަނަދުއަށް ވަޑައިގެން އެ ރަށުގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެއާޕޯޓް ތަރައްގީކުރާ ފަރާތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ވާއިރު އެކަމުގެ ސަބަބުން ސަރުކާރުން އެފަރާތަށް ކޮށްދެންޖެހޭ ކަންތައްތައް ހުރީ ނުކޮށްދެވިކަމަށެވެ.

"އެ އެގްރީމެންޓްގައި ވާގޮތުން ސަރުކާރުން އެފަރާތަށް ދޭން ޖެހޭ ފަޅުރަށެއް ނޫނިއްޔާ ރަށްތަކެއް ދޭން ޖެހޭނެ ކަމަށް އެގްރީމެންޓްގައި ލިޔެފައި އެބައޮތް. އަދި އެސަރުކާރުން ވަނީ ވަކި ރަށްތަކެއް ވެސް ފާހަގަކޮށްފަ. އެހެންނަމަވެސް ސަރުކާރު ބަދަލުވެގެންދިޔައިރު އެކަން އޮތީ ފުއްދައިނުދީ. އަޅުގަނޑުމެން މަޝްވަރާކޮށް އެރަށްތައް އޮތް ގޮތް ބެލިއިރުގައި އެ ދެރަށްވެސް އޮތީ އެހެންފަރާތަކަށް ކުއްޔަށްދީފަ މިއަށް ހައްލު ހޯދުމުުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދަނީ،" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށްތައް އެ ކުންފުންޏަށް ދޭންޖެހޭ މައްސަލައިގައި ކުންފުންޏާ މަޝްވަރާ ކޮށްގެން އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށް ވަރަށް އަވަހަށް ހައްލެއް އަންނާނެ ކަމަށްވެސް ވިދާާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް މާފަރު އެއާޕޯޓްގެ ބޮޑު މަސައްކަތެއް އެފަރާތުން އެވަނީ ކޮށް ނިންމައިފަ. ސަރުކާރުން ކޮށްދޭންވީ ކަންތައްތައް އެ އެގްރީމރެންޓްގައި އޮތް ގޮތަށް ފުއްދައިދެވިފައެއްނެތް. އަދި ފުއްދައި ދިނުމަށް ވެސް މިއަދު މިވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން އެފަރާތާ މަޝްވަރާކޮށްގެން އެއަށް ރަނގަޅު ހައްލެއް އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، 2200 މީޓަރުގެ މާފަރު އެއާޕޯޓަށް 1000 މީޓަރު އިތުރު ކުރުމަށް އެ ކުންފުނިން ބޭނުންވާ ކަމަށެވެ. އޭރުން ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ކަމުގައިވާ އޭ380ގެ ބޯޓުތަކަށް ވެސް އެ ރަންވޭއަށް ޖެއްސޭނެއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި އެއާޕޯޓާ ކައިރީގައި ހުރި މަދު ގެއެއް ބަދަލު ދިނުމަށްފަހު ނަގަންޖެހޭ ކަމަށާއި، އެކަމުގައި މާފަރުގެ ރައްޔިތުންނާއި ކައުންސިލްގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.