އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިބެގެން ރައްޔިތުންނަށް ވާނެ ދެރައެއް ނޯންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. މަނަދޫގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ގިނަ ސަބަބުތަކަކާހުރެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތިބެންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މިއޮތް ޒަމާނީ ވާދަވެރި ސިޔާސީ ނިޒާމް ގެނައީ އެމްޑީޕީން ކަމަށާއި އެކަން ދެމެހެއްޓުމަޓަކައި މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިއްބެވުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލް ޖުމްހުރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިއްބަވަން އެބަޖެހޭ. ވަރަށްގިނަ ސަބަބުތަކެއް އެބަހުރި. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިއޮތް ޒަމާނީ ވާދަވެރި ސިޔާސީ ނިޒާމް ގެނައީ އެމްޑީޕީން. އެކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންނަކީ ހިޔާލު ތަފާތު މީހުންނަށް ތަފާތު ހިޔާލާ އެކީގައި އުޅެން ދަންނަ ބައެއް. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިބެގެން ރައްޔިތުންނަށް ވާނެ ދެރައެއް ނޯންނާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ރައީސުލް ޖުމްހުރިއްޔާ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕާޓީތަކުންނާއި ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލީޝަން ޕާޓްނަރެއް ކަމަށްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަން ޖެހޭނީ އިދިކޮޅު ޕާޓީތައް ހިމެނޭގޮތަށް އެބޭފުޅުންނަށް ކަމަށެވެ. އަދި އެމްޑީޕިއަށް އެކަނި މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ރަނގަޅުކަމެއް ކަމެއްނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިއޮތް ޑިމޮކްރަސީގެ މިނިޒާމް ފައްކާ ކުރުމަށްޓަކައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މަޖިލީހުގައި އަޣުލަބއްިޔަތާއެކުގައި ތިބެން ޖެހޭކަމަށެވެ. ރައްޔިތުންނަށް ކައިރިން ހިދުމަތް ލިބޭފަދަ ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރެވޭނީ އޭރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ނިޒާމް ފައްކާ ކުރުމަށްޓަކައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މަޖިލީހުގައި އަޣުލަބިއްޔަތާއެކު ތިބެން އެބަޖެހޭ. ރައްޔިތުން މިބޭނުންވާ ލާމަރުކަޒީ ނިޒާމާއި، ރައްޔިތުންނާ ކައިރިން ހިދުމަތްތައް ދިނުމާއި، ރާއްޖެ ތަރައްގީ ކުރުމުގައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެންނަށް ގެނެވޭނީ މިކަން ދަންނަބަޔަކު މަޖިލީހުގައި ތިބެގެން،" ރައީސް އިބޫ ސޯލިހު ވިދާޅުވިއެވެ.