ނ. މަނަދޫގައި މަދުވެގެން 50 ހައުސިން ޔުނިޓް އަޅައި އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ހެނދުނު ނ. މަނަދޫގައި ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހުވަނީ މި އަހަރުގެ ބަޖެޓުގައި މަނަދޫގައި ހައުސިންގް ޔުނިޓް އެޅުމަށް ކަނޑައަޅާފައި ނެތްނަމަވެސް ސަރުކާރުގެ މި ދައުރުގައި މަނަދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ އިތުރުން މަނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަނަދޫގެ ފުޓްބޯޅަ ދަނޑާއި ޔޫތް ސެންޓަރު ޒުވާނުންނަށް ބޭނުންކުރެވޭނެ ގޮތަށް ޒަމާނީ ފެންވަރަށް ބަދަލު ކުރެވި، މަނަދޫގެ ރައްޔިތުން ވިދާޅުވާ ގޮތަށް މަނަދޫގެ ބަނދަރާއި ނެރަށް ގެންނަން ޖެހެ ބަދަލުތައް ގެނެސްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަނަދޫގައި ފެނުގެ ނިޒާމް ގާއިމްކޮށް މަނަދޫ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މަނަދޫގެ ހޮސްޕިޓަލު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކޮށް އިތުރު، ހިދުމަތްތައް ހޯދޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ ނ. ލަންދޫގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ އިތުރުން އެރަށުގެ ހެލްތް ސެންޓަރުގެ ބަޖެޓް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާފަރުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައި އެރަށު ހެލްތް ސެންޓަރަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތްތައް ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.