ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓު ވެގެން ދާނީ އެންމެ ޒަމާނީ އެންމެ ބޮޑު އެއް އެއާޕޯޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. މަނަދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ އެމްޑީޕީގެ އެ ދާއިރާގެ މަޖިލީހުގެ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާފަރުގައި ހަދާ އެއާޕޯޓަކީ މުޅި ރާއްޖޭގައިވެސް ހެދޭ އެންމެ ބޮޑު އެއް އެއާޕޯޓަށް ހެދުމަށް މާފަރު ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ކުރިން ދެހާސް ދުއިސައްތަ މީޓަރަށް ހެދުމަށް ނިންމާފައިވާ މާފަރު އެއާޕޯޓުގެ ރަންވޭއަށް އިތުރު އެއްހާސް މީޓަރު އިތުރު ކުރުމަށް އެއާޕޯޓު ތަރައްގީ ކުރަމުން އަންނަ ފަރާތުން އެދިފައިވާ ކަމަށެވެ. އަދި މިހާރުގެ ރަންވޭއަށް އިތުރު އެއްހާސް މީޓަރު އިތުރު ކޮށްފި ދުނިޔޭގައިވާ އެންމެ ބޮޑެތި މަތިންދާބޯޓުފަހަރު އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ޖައްސާ ތަނަކަށް މާފަރު އެއާޕޯޓު ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެއާޕޯޓުގެ ރަންވޭއަށް އެއްހާސް މީޓަރު އިތުރުކުރުމަށް އެއާޕޯޓު ކައިރީ ބައެއް ގެތައް ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގެތައް ނެގުމަށް ހަމަޖެހިފައިވަނީ ގެދޮރާއި އެކީ ރަނގަޅު އަގެއް ބަދަލުގައި ދިނުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މާފަރުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުމާއެކު އެއާޕޯޓު ބޮޑު ކުރެވިއްޖެ ނަމަ މި އެއާޕޯޓަކީ މުޅި ރާއްޖޭގައި ހެދޭ އެންމެ ބޮޑު އަދި އެންމެ މި ޒަމާނުގެ އެއް އެއާޕޯޓަށް ހެދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެ ސަރަހައްދުގެ ތަރައްގީއަށް އެއާޕޯޓަކީ ވަރަށް މުހިއްމު މަޝްރޫއެއްކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި މަޝްރޫއު ފެށިގެން ދިޔައީ ސަރުކާރާއި ވެވުނު އެއްބަސް ވުމެއްގެ ދަށުން ކަމަށާއި ނަމަވެސް ސަރުކާރު ބަދަލުވި އިރުވެސް ސަރުކާރުން އެގްރީމަންޓުގައިވާ ކަންކަން ކޮށްދީފައި ނުވާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވިގޮތުގައި މި އެގްރީމަންޓުގައި މާފަރު އެއާޕޯޓު ތަރައްގީ ކުރާ ފަރާތަށް ދެ ފަޅުރަށެއް ދިނުމަށް ވަނީ އެއްބަސް ވެފައެވެ. ނަމަވެސް ސަރުކާރުން ބެލިބެލުމުގައި އެ ދެރަށަކީވެސް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށްތަކެއްކަން އެނގިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން އަންނަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.