އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ މަސައްކަތުގައި، ސަރުކާރު ކޯލީޝަންގައި ހިމެނޭ އެއްވެސް ބައިވެރިއަކަށް ގެއްލުމެއް ނުވާނެކަމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. މަނަދޫގައި މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެތައް ޕާޓީތަކަކާއި އެތައް ބައެއްގެ މަސައްކަތުންކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ސޯލިހު ތަކުރާރު ކުރެއްވިއެވެ. އަދި އެއިން އެއްވެސް ޕާޓީއަކަށް އަދި ބޭފުޅަކަށް އެމަނިކުފާނު ކުރައްވާ މަސައްކަތުން ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ތަކުރާރުކޮށް ދެއްވިއެވެ.
"އަޅުގަނޑު ރިޔާސީ އިންތިހާބުަގައި ތިބޭފުޅުން ހޮއްވެވީ ވަރަށްގިނަ ބައެއްގެ ތާއީދާއެކު، ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުން، ހާއްސަކޮށް އެމްޑީޕީގެ ވަރަށްގިިނަ ބައެއްގެ ތާއީދާއި ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީ އާއި ރައީސް މައުމޫނާއި އަދިވެސް ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުން. އަޅުގަނޑު ތަކުރާރުކޮށް އެ ހުރިހާ ބޭފުޅުންނަށް މި ދަންނަވަނީ އެއިން އެއްވެސް ޕާޓީއަކަށް، އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު މިކުރާ މަސައްކަތުން ދެރަގޮތެއް ނުވާނެއޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން ކަމަށާއި އެވައުދުތައް ފުއްދުމަކީ އެމަނިކުފާނުގެ ވާޖިބެއް، އަދި ޒިންމާއެއް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށް ކުރެވެން އޮތް ހުރިހާ މަަސައްކަތެއް ކުރުމަކީވެސް އެމަނިކުފާނުގެ ވާޖިބެއް ކަމަށާއި، އެސަބަބަށްޓަކައި އެވައުދުތައް ގަބޫލުކުރާ، އެވައުދުތަކަށް ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ނިކުންނެވީކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީގެ ކެނޑިޑޭޓުން ހޮވަން އަޅުގަނޑު މި ކުރާ މަސައްކަތުން އެބޭފުޅުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ވެގެންނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުގެ އެބައޮތް. އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ވައުދުތަކެެއް ރައްޔިތުންނަށް ވެގެން. މިއަދު އަޅުގަނޑުގެ ވާޖިބެއް، އަޅުގަޑުގެ ޒިންމާއެއް، އެ ވައުދުތައް ފުއްދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ. އެސަބަބަށްޓަކައި އަޅުގަނޑު ވީވައުދުތައް ގަބޫލުކުރާ، ތާއީދުކުރާ، ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް އަޅުގަނޑު ނިކުމެ މިހުރީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.