އިބްރާހިމް ޒަކީ
އެމަނިކުފާނަކީ، ތަފާތު ހިޔާލުތަކަށާއި، ތަފާތު ފިކުރުތަކަށް ޖާގަދޭން ކެރޭ ބޭފުޅެއް ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. މަނަދޫގައި މިއަދު ބޭއްވި، އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނަކީ، ހިޔާލު ތަފާތުވާ މީހުންނާއެކީގައި ވެސް މަސައްކަތްކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަކީ ތަފާތު ހިޔާލުތަކަށް، ތަފާތު ފިކުރަށް، ޖާގަދޭން ކެރޭ މީހެއް. އަޅުގަނޑަކީ އަޅުގަނޑާ ހިޔާލު ތަފާތުވާ މީހުންނާ އެކީގައި މަސައްކަތްކުރަން ދަންނަ މީހެއް. އެކަމުގެ ތަޖުރިބާއާ އެކީގަ އަޅުގަނޑު އައިސް މިހުރީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގެންކަމަށެވެ. އަދި އެދުވަހު ވަރަށްގިނަ ކަންތައް ރައްޔިތުން ބޭނުންވެފައިވާކަމަށް އެނގިވަޑައިގެންނެވި ކަމަށާއި، އެކަމަށް ހައްލު ހޯދޭނެ ގޮތްތައް ވެސް ކިއުއްވައި ދެއްވެވި ކަމަށެވެ.
"އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ވައުދުތަކެއް ރައްޔިތުންނަށް ވެގެން. ރައްޔިތުން އެދުވަހު ބޭނުންވެފައި ހުރީ ވަރަށްގިނަ ކަންތައްތައް. އަޅުގަނޑުމެން އެއަށް ހައްލު ހޯދައިދޭނެ ގޮތްތައް ކިޔައިދިނިން. ރައްޔިތުން އެދުވަހު އަޅުގަނޑަށް އިތުބާރު ކުރި. އެވާހަކަތައް ރައްޔިތުންނާ އެންމެގިނައިން ދެއްކި މީހަކީ އަޅުގަނޑު. މިއަދު އަޅުގަނޑުގެ ވާޖިބެއް، އަޅުގަނޑުގެ ޒިންމާއެއް، އެ ވައުދުތައް ފުއްދުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުމަކީ، އެސަބަބަށްޓަކައި އަޅުގަނޑުވީ ވައުދުތައް ގަބޫލުކުރާ ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް އަޅުގަނޑު ނިކުމެ މިހުރީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.