ޚަބަރު

ރާއްޖޭގެ ސްކޫލުތަކުން އަންހެން ކުދިންނަށް ސެނިޓަރީ ޕެޑް ލިބޭނެ ގޮތް ވިމް އިން ހަދަނީ

ރިފާ ހަލީލު

ރާއްޖޭގެ ސްކޫލުތަކުން އަންހެން ކުދިންނަށް ހިލޭ ސެނިޓަރީ ޕެޑް ލިބޭނެ ގޮތް ހަދަން ވިމެން އިން މެނޭޖްމަންޓް (ވިމް) އާއި ސްރީ ލަންކާގެ ހެމާސް ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ފެމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ވިމްގެ ހަތަރުވަނަ ޕްރޮޕެޝަނަލް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެމާސް ބްރޭންޑުގެ ސީނިއާ އެގްޒެކްޓިވް ރާޖަތަން ކްރިސްޓޮފާއެވެ. ވިމްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ މިންހާ ފާއިޒު ރަޝާދު (މިންނު) އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން މިންނު "ވަން" އަށް މިއަދު ވިދާޅުވީ، ހެމާސްގެ މި މަސައްކަތަކީ ލަންކާގައި ޕީރިއަޑް ޕަވަޓީ ނައްތާލަން ފެށި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ފުޅާކޮށް ރާއްޖެއަށްވެސް އެކަން ތައާރަފުކުރަން ނިންމައި ވިމްއާ ގުޅިގެން މަޝްވަރާ ފެށި ކަމަށެވެ.

"އަޅުގަނޑުމެން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ވާހަކަދެއްކިން. ދެން ފާހަގަވީ މިހާރު ސްކޫލުތަކުގައި އެ މީހުން އަމިއްލައަށް ގަނެގެން ހެލްތު ރޫމުގައި ބަހައްޓާކަން. މި އެއްބަސްވުމާއެކު ދެން ސްކޫލުތަކުން އަމިއްލައަށް ގަންނާކަށް ނުޖެހޭނެ. ހެމާސްއާއި ވިމްއާ ގުޅިގެން ސްކޫލުތަކަށް މި ތަކެތި ހިލޭ ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.

މިންނު ވިދާޅުވީ ފުރަތަމަ ބުރުގައި ތިން މަސް ދުވަހަށް މިކަން ހިންގުމަށް ނިންމާފައިވާ ކަމަށާއި ލިބޭ ތަރުހީބަށް ބެލުމަށްފަހު އިތުރަށް މިކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށާއި އެ މަޝްވަރާތަކަށްފަހު މިކަން ފަށާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތިގައި ވިމް އިން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއާ ގުޅިގެން ދިވެހިންނަށް ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ހިންގުމަށްވެސް އެއްބަސްވެފައެވެ.