ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ބަޣާވާތަކާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ވެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަބްދުﷲ ޝަފީގްގެ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ ބާރު ލިބެން އޮތީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންކަމަށެވެ.
އަދި އެކަން ކޮށްދިނުމަށް ރައްޔިތުން، އެޖެންޑާ 19 ގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުލިބިއްޖެ ނަމަ އެމްޑީޕީގެ ކުރީގެ ސަރުކާރަށް ވީގޮތަށް، ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި ބަޣާވާތަކާއި ދިމާލަށް މިސްރާބުޖަހާނެކަމަށް ރައީސް ވިދާޅުވިއެވެ.
''ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭ އެއަށް (އެޖެންޑާ 19އަށް) ތާއީދު ކުރާ، ގަބޫލުކުރާ މެމްބަރުން. އަދި އަޣުލަބިއްޔަތު އެތަނުގާ، އަޅުގަނޑުމެންނަށް އޮންނަން ޖެހޭ. އެހެން ނޫނިއްޔާ ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހެނީ ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި އެންމެ ފަހުން ބޮޑު ބަޣާވާތަކާއި ދިމާލަށް މިސްރާބު ޖެހުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަފަހަރަށް ރައްޔިތުންގެ ވޯޓާއެކު ގެނައި ސަރުކާރެއް ބަޣާވާތަކުން ވެއްޓިއްޖެނަމަ އެކަން ވާނީ މި ގައުމު އެތައް އަހަރެއް ފަހަތަށް ޖެހިގެން ދާނެ ކަމެއްކަމަށެވެ.