އިތުރު ޓެކްހެއް ނުނަގައި، ސަރުކާރުގެ އެކި އިދާރާތަކުގެތެރޭގައިވާ ކޮރަޕްޝަންތައް ނައްތާލައިގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ މިރޭ ނ.ވެލިދޫގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ އެހެން ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް، މި ފެށޭ އޭޕްރީލް މަހުންފެށިގެން ލިބެން ހުންނާނެކަމަށެވެ. އަދި މަސްވެރިން ބޭނުންކުރާ ތެލުން މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ކަމަށާއި ދަނޑުވެރިކަމަށް ބޭނުންކުރާ ގިނަ ސާމާނުންވެސް އިމްޕޯޓް ޑިއުޓީ ކަނޑާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިކަންކަން ކުރިއަށް ދަނީ ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ނަގައިގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑުމެން މިކުރާ ކަންތައްތައް މި ކުރަނީއަކީ މާބޮޑު ޓެކްސްއެއް އިތުރަށް ރައްޔިތުން އަތުން ނަގައިގެންނެއްނޫން. ކުންފުނިތަކުގަ އާއި ސަރުކާރުގައި ހުރި ނޭދެވޭ އުސޫލުތައް ބާތިލްކޮށް ހިންގުމަށް ގެނެވުނު ބަދަލުތަކެއްގެ ސަަބަބުން.''
މީގެ އިތުރުން ރައީސް ވަނީ އާސަންދައިގެ ހިދުމަތްތަކަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތަށް ވަންނަ މުދާ ރަނގަޅަށް ބެލެހެއްޓިއްޖެ ކަމަށް ވަނީނަމަ ދައުލަތުން ހޭދަކުރާ ފައިސާގެ %20 ނުވަތަ %30 ފައިދާގެ ގޮތުގައި ރައްކާ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
''ހަމައެކަނި ބޭނުންވާ ކަމަކީ އެފައިސާއަށް ހިޔާނާތްތެރިވާނޭ މީހުން އެތަންތާގައި ނުތިބުން. ވައްކަން ނުކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުގެ ތެރޭގައި ހުރި ނުބައި އާދަތައް ނައްތާލައި، ހަމަމަގަށް އެޅުވުމުން ބަޖެޓުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެކަމަށް ވިދާޅުވެފައެވެ.