ޚަބަރު

މިނިސްޓަރ އައިޝާ އަދި މިނިސްޓަރ އަލީ ވަހީދު ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭކަމަށް އަލްހާން ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ސިޔާސީ ގޮތުން ތަސައްރަފު ނުފުރޭކަމަށް، ޖުމްހޫރީ ޕާޓިގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި، މިއަދު ކުރިއަށް ގެންދިޔަ، ހެންވޭރު ދާއިރާތަކުގެ މަގުތައް ސާފުކުރުމުގެ ހަރަކާތް ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ކުރިއައް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ގޮނޑިތަކަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ނިންމެވީ ޖުމްހޫރީ ޕާޓީގެ ގޮނޑިތަކަށް އެ ކޯލިޝަނުން ތާއީދު ކުރުމުން ކަމަށެވެ. އަދި ޕާޓީގެ ލީޑަރ މިގޮތަށް ނިންމެވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަމަށް އައުމަށްފަހު އެމްޑީޕީ ވަކިން، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުމުން ޖޭޕީއަށް ގިނަ ގޮނޑި ލިބޭނެ ގޮތެއް ކަށަވަރު ކުރުމަށް ކަމަށް އަލްހާން ވިދާޅުވިއެވެ.

ޖޭޕީން އެގޮތަށް ނިންމުމުން، އެގޮތަށް ތާއީދު ނުކުރާނަމޭ ވިދާޅުވެ ވާހަކަ ދައްކަވަނީ، ސިޔާސީ ގޮތުން އެވަރަށް ތަސައްރަފު ފުރިހަމަނުވާތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

''ކޯލީޝަން ސަރުކާރެއްގެ ގޮތުގަ އައިސް އެމްޑީޕީ އިން ވަކިން މަޖިލިސް އިންތިހާބުގެ ގޮނޑިތަކަށް ކުރިމަތިލާން ނިންމާފަ އޮތް އިރުގަ ޖުމްހޫރީ ޕާޓީން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ބަލާނެ އެންމެ ގިނަ ގޮނޑި ހޯދޭނީ ކިހިނެތްތޯ. އެހެންވީމަ ޕާޓީގެ ލީޑަރުގެ މަޝްވަރާގެ މަތިން ޕީޕީއެމް އިން އަޅުގަނޑުމެންގެ ގޮނޑިތަކަށް ތާއީދު ކުރާތީ އަޅުގަނޑުމެން ވެސް ޕީޕީއެމްގެ ގޮނޑިތަކަށް ތާއީދު ކުރަން ނިންމީމަ ދެން އެވާހަކަ އެގޮތަށް، ތާއީދު ނުކުރާނަމޭ ވިދާޅުވެ އަޅުގަނޑުމެން ޕާޓީގައި ތިއްބަވާ އަދި ވަޒީރަކު ކަމަށް ވިޔަސް އަލީ ވަހީދު ކަމަށް ވިޔަސް، ޓްރާންސްޕޯޓް މިނިސްޓަރ އައިޝާކަމަށް ވިޔަސް، އެއްވެސް ބޭފުޅަކު އެވާހަކަ އެދައްކަވަނީ ސިޔާސީ ގޮތުން އެވަރަށް ތަސައްރަފު ފުރިވަޑައި ނުގަންނަވާތީ، އެނގި ވަޑައި ނުގަންނަވަނީ،" އަލްހާން ވިދާޅުވިއެވެ.

އަލްހާންވަނީ މިފަދަ ކަންކަމަކީ އޭގެ ޒާތުގައި ވަޒީރުން ވާހަކަދައްކަންޖެހޭ ކަންތައްތަކެއްނޫން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރުންގެ ހައިސިއްޔަތުން މިނިސްޓަރ އައިޝާ އަދި މިނިސްޓަރ އަލީ ވަހީދުވެސް މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭކަމަށް ގަބޫލް ނުކުރައްވާކަމަށް އަލްހާން ވިދާޅުވިއެވެ.

އަދި ޖުމްހޫރީ ޕާޓީ އަދިވެސް އޮތީ ކޯލީޝަނާ އެކުގައި ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ހިޔާލް ތަފާތުވެފައިވަނީ މަޖިލީހަށް ނިކުންނަ މައްސަލައިގައިކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ކޯލިޝަން އެކީ މަޖިލީހަށް ކުރިމަތިލައިފަ ނުވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން، އެކަން އެގޮތަށް ވިޔަ ނުދިނުމުންކަމަށް އަލްހާން ތުހުމަތު ކުރެއްވިއެވެ.

އަލްހާން ވަނީ ސަރުކާރު ޒިންމާދާރު ކުރެވޭ ވަރުގެ މެޖޯރިޓީއެއް ހޯދަންބޭނުންވާކަމަށާއި، ޖޭޕީ އިން މަސައްކަތް ކުރަނީ މި ވިސްނުމުގައި ކަމަށެވެ. އަދި ޕާޓީގެ ސްލޮޓްތަކުގައި މިނިސްޓަރުންގެ މަގާމު އަދާކުރައްވަމުން ގެންދަވާއިރު ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތަށް ސަރުކާރުގައި މަސައްކަތްކޮށްދެއްވުމަށް އަލްހާން ވަނީ މިނިސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަލްހާން ވިދާޅުވީ، ޖުމްހޫރީ ޕާޓީ އެއްފަރާތްކުރިޔަ ނުދެއްވާނެކަމަށެވެ. މީގެ އިތުރުން ޖޭޕީންވެސް މަސައްކަތް ކުރަނީ އެޕާޓީގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ އެޖެންޑާ، ޖޭޕީގެ ވިސްނުމާއި އެއްގޮތަށް ގައުމުގެ ވެރިކަން ހިންގުމަށްޓަކައި ކުރެވެން ހުރިހުރިހާކަމެއް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަސައްކަތް ކާމިޔާބު ކުރެވެން އޮތީ ޕީޕީއެމް އާއި ގުޅިގެންކަމަށް ވާނަމަ ޕީޕީއެމާއި ގުޅިގެން އެމަސައްކަތް ކުރުމަށް ޖޭޕީން އޮތީ ތައްޔާރަށް ކަމަށް އަލްހާން ވިދާޅުވިއެވެ.