ޚަބަރު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު: ރައީސް

މުހައްމަދު އިޝާން

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށާއި ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އަބަދުވެސް ފަލަސްތީނާއެކު ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިހުތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަން ޖެހޭނެ ހައްލަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރަން ގޮވާލައްވައިފައެވެ.

"ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާއި ހިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ އައިރު ގާނޫނީ ފިޔަވަޅުތަކެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގުވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވައިފައެވެ.