ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި ހުކުރު ދުވަހު ގަތުލުއާއްމެއް ހިންގައި އެތައް މުސްލިމުންނެއް ޝަހީދު ކޮށްލުން، ކުށްވެރިކޮށް، އެއީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށް އެމްޑީޕީންބުނެފިއެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ، "ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތެއްގައި ހުކުރަށް ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ހިންގި ޤަތުލުޢާންމާމެދު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ގަދައަށް އިސްތިންކާރު ކުރަާ،" ކަމަށެވެ.
ކްރައިސްޗާޗުގެ މަސްޖިދުލްނޫރަށާއި އެ މިސްކިތުގައި ނަމާދުކުރަންތިބި މީހުނަށް ދިން މި ހަމަލާއަކީ، ޓެރަރިޒަމްގެ ހަމާލާއެއްކަމުގައި ބަޔާންކުރުން ނޫން އެހެން އިބާރާތެއް ބޭނުންނުކުރެވޭނެ ފަދަ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީއަކީ އަބަދުވެސް މީސްތަކުންނަށް ލިބޭ އާމްދަނީ އާއި، ވަޒީފާގެ ފުރުސަތާއި، ސިއްހަތާއި، ކެއުންބުއިމާއި، ސަލާމަތާއި، މީސްތަކުންގެ މަސަލަސްކަން ކުރިއެރުވުމަށާއި، ނަސްލީ ތަފާތުކުރުމާއި އެއްބައިވަންތަކަން ގެއްލޭދަފަ، އެހެނިހެން ވެސް ބައިބައިކުރުމުގެ ގޮތްތަކާ ދެކޮޅަށް، އެންމެ އަޑު ހަރުކޮށް ރާއްޖޭގައި އަޑުއުފުލާ ޕާޓީއަށްވާއިރު، މި ފަދަ ޖަނަވާރީ ޢަމަލުތަކަކީ އެއްވެސް އިރެއްގައި އެ ޕާޓީން ބަލައިގަނެފައިވާ ނުވަތަ ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށެވެ.
އިއްޔެ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ލިންވުޑް މިސްކިތަށް ދިން ހަމަލާގައި ޝަހީދު ވެފައިވަނީ އަށް މީހުންނެވެ. އަލް ނޫރް މިސްކިތަށް ދިން ހަމަލާގައި 41 މީހުން ޝަހީދުވެފައިވެއެވެ.