ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަބްދުﷲ ޝަފީގްގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ.ވެލިދޫއަށް ވަޑައިގަންނަވައިފިއެވެ.
މިރޭ 9:00ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހު ވެލިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ޖަލްސާގައި ރައީސް ސޯލިހުގެ އިތުރުން ނ އަތޮޅުގެ ގޮނޑިތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ސޯލިހު ވެލިދޫގެ ގިނަ ރައްޔިތުންތަކަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރޭ ޅ.ހިންނަވަރުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންފައިވާއިރު، މިއަދު ނ.ވެލިދޫއަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ޅ.ނައިފަރަށް އަދި ޅ.ކުރެންދޫއަށް ވަޑައިގެން މަޖިލީހުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވައިފައެވެ.