ޚަބަރު

ދީބާޖާއަށް 348 މިލިއަން ދޭން ޖެހޭ މައްސަލަ: ބަދަލުގެ މިންވަރު ކަނޑައަޅަން އަނެއްކާވެސް ސިވިލް ކޯޓަށް!

އިބްރާހިމް ޒަކީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި މައްސަލައިގައި، ދީބާޖާއަށް އެކަމުުގެ ބަދަލު ދޭނެ މިންވަރު އަލުން ކަނޑައެޅުމަށް އެ މައްސަލަ ހައިކޯޓުން ސިވިލް ކޯޓަށް ތަހުވީލު ކޮށްފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ދީބާޖާއާއެކު ސަރުކާރުން ސޮއި ކުރީ އެކެއް ފެބްރުއަރީ، 2010 ގައެވެ. ނަމަވެސް އެއްބަސްވުމުގައި ވާގޮތަށް ދީބާޖާއިން ހިދުމަތް ދެމުން ނުދާ ކަމަށްބުނެ 30 މޭ 2013 ގައި އެ އެއްބަސްވުން ދައުލަތުން ބާތިލުކުރިއެވެ.

އެކަމާ ގުޅިގެން އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލާޒިމުވެގެންވާ އިލްތިޒާމުތައް ފުރިހަމަނުކޮށް ކަމަށްބުނެ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމަކީ 2.4 ބިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާ އެކީ އެއްފަހަރާ ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދި ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

މި މައްސަަލަ ބެލުމަށްފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދީބާޖާއިން ނަގައިދިނުމަށް އެދިފައިވާ 2.4 ބިލިއަން ރުފިޔާއަކީ މުސްތަގުބަލުގައި ލިބޭނެކަމަށް ލަފާކޮށް ތައްޔާރު ކޮށްފައިވާ ހިސާބުތަކެއް ކަމަށް ވާތީ އާއި، މި ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގުން މިންކުރާއިރު، ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގަކީ 6.9 މިލިއަން ރުފިޔާ ކަމާއި، މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ގުނަ ކުރުމުން އަންނަ 348.9 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ މިންވަރު ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ގާނޫނާއި، އަމަލުކުރަމުން އަންނަ އުސޫލުތަކާ ހިލާފުކަމަށް ބުނެ ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި 2015 ވަނަ އަހަރު ހައިކޯޓުން ހުކުމްކުރީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށެވެ. އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، އެއީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ހައިކޯޓުން ބަލައިގެންފައިވާ މައްސަލައެއް ކަމަށް ދީބާޖާއިން ބުނަމުން ގެންދިޔައެވެ.

އެހެންކަމުން ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާއިން ހައިކޯޓުގެ ހުކުމް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއުކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނެވެ. ދައުލަތުން އެދުނުގޮތަށް ހުކުމް ރިވިއު ކުރުމަށްފަހު، ހައިކޯޓުގެ ހުކުމް ބާތިލު ކުރި ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް 2021 ވަނަ އަހަރު އެ ކޯޓުން ބާތިލުކުރިއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންނަމަ އެ ފުރުސަތު ދިނުމަށްވެސް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

އެހެންކަމުން ދީބާޖާއިން ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ބެއްލެވި މި މައްސަލައިގެ ރިޔާސަތުން ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ވަނީ، ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައިވަނީވެސް ގޯސްކޮށް ކަމަށެވެ. ނަމަވެސް އެކަމުން ދީބާޖާއަށް ވެފައިވާ ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ހުކުމްގައިވެއެވެ. ދީބާޖާއިން ސިވިލް ކޯޓުގައި އެދިފައިވަނީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށާއި، ބަދަލުގެ ގޮތުގައި 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައި ވަނީ، މުސްތަގުބަލުގައި ލިބެން އޮތް ގެއްލުން ހިމަނައިގެން ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ހުކުމް ބާތިލު ކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށް ހުކުމް ކުރާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް ނިންމާލަމުން ފަނޑިޔާރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު، އިއްޔެ ނިންމި ނިންމުމުގައި ވަނީ، އެ މައްސަލައަކީ ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް އެ ކޯޓަށް ސުޕްރީމް ކޯޓުން ތަހުވީލްކުރި މައްސަލައެއް ނޫންކަމަށެވެ. އެއާ ހިލާފަށް އެމައްސަލަ އެކޯޓަށް ތަހުވީލްކޮށްފައިވަނީ، ސިވިލް ކޯޓަށް ފޮނުވުމަށްކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިމައްސަލައިގައި ހިމެނޭ ގެއްލުމުގެ ބައިގައި ގޮތެއް ނިންމުމަށް މި މައްސަލަ ސިވިލްކޯޓަށް ތަހުވީލު ކުރާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.