ޚަބަރު

ވޯޓު ލުމުގައި ކުލައަށް ބެލުމަކީ ގަބޫލް ކުރާ ކަމެއްނޫން: ޓްރާންސްޕޯޓް މިނިސްޓަރ

މަރިޔަމް ޝަހުދާ

ވޯޓު ލާން ބަލާއިރު މީހާގެ ކުލައަށް ބެއްލެވުމަކީ ގަބޫލް ކުރައްވާ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރ ވަނީ ވޯޓުލާއިރު އެކަމުގެ ގާބިލްކަން ހުރި ބޭފުޅުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވޯޓު ލުމުގައި ކެނޑިޑޭޓުންގެ ކުލަ އާއި ކެންޑިޑޭޓު އައީ ކޮން ދިމާލަކުންތޯ ބެއްލެވުމަކީ އެކަމަނާ ގަބޫލް ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިރާ އަށް ކުރިއެރުމެއް ގެންނާނީ ކޮންކެނޑިޑޭޓެއްކަން ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ސަރުކާރު ވެރިކަމަށް ހޮވިފައިވަނީ ގިނަ ވައުދުތަކަކާއި ހުވައިތަކެއް ކޮށްގެން ކަމަށްވާއިރު، އެކަންކަން ފުރިހަމަ ކުރުމަށް ޖުމްހޫރީ ޕާޓީންވެސް މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނަގަން ޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ހަފްތާ ތެރޭގައި މިނިސްޓަރ ނަހުލާ ވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކަށް ނުކުންނަ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އެމަނާ ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޕީޕީއެމް އާއި ޕީއެންސީގެ ތާއީދު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ލިބޭނެކަމަށް އެ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.