ޚަބަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މުހައްމަދު އައުޒަމް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީ އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ސުޝްމާ ސުވަރާޖްގެ މިދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައިވާ ބަދަހި އަދި އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ސުޝްމާ ސުވަރާޖްގެ މިދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދައުލަތުގެ އިސްފަރާތްތަކާއި އެކީ ބައިލެޓްރަލް މީޓިންގތައް ބާއްވާނެކަމަށް މައުލޫމާތު ލިބެއެވެ.

މި ބައިލެޓްރަލް މީޓިންގތަކުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް އާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިބައިލެޓްރަލް މީޓިންގގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ގުޅުން އިތުރަށް ރިވިއުކޮށް މުސްތަގްބަލުގައި މިގުޅުން ބަދަހިކުރުމަށް ކުރެވޭނެކަންކަމާމެދު މަޝްވަރާކުރާނެއެވެ.

ސުޝްމާ ސުވަރާޖްގެ މިދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ހޯމަ ދުވަހު ބައްދަލު ކުރައްވާނެކަމަށްވެސް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ސުޝްމާ ސުވަރާޖްގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ހޯމް މިނިސްޓަރ ޝައިހް އިމްރާން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.