ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، އެއް ފަނޑިޔާރަކާ އެ މައްސަލަ ބަލަން ހަވާލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ނަޝީދުގެ މައްސަލަ ބަލަން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗު އުވާލީ އެ ބެންޗަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރު ގާޒީ ހަސަން ސައީދު ތަނާޒުލްވުމުން ކަމަށެވެ.
ގާޒީ ހަސަން ސައީދު އެ މައްސަލައިން ތަނާޒުލްވި އިރު، އެ ބެންޗުގައި ކުރިން އިންނެވި ގާޒީ އާދަމް މުހައްމަދުވެސް ވަނީ ތަނާޒުލްވެފައެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާނީ ގާޒީ ސޮފްވަތު ހަބީބު އެކަންޏެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.