ޚަބަރު

އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ ޖޫރިމަނާ ކުރާގޮތަށް ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ ޖޫރިމަނާ ކުރުމަށް ކަނޑައަޅައި، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ބޭނުންވަނީ 26 މެންބަރުންގެ ވޯޓެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި އަލަށް އުފަންވާ ކުދިން އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ، 10،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަން ދުވަހުގެ ސެޓިފިކެޓް ހައްދަން، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިނުކުރެއްވިއްޖެ ހާލަތެއްގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ސޮއިނުކުރެވިއްޖެ ހާލަތެއްގައި ބެލެނިވެރިޔަކަށް ސޮއިކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ރަށް ނުވަތަ ސިޓީ ކައުންސިލުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފުތަރެއް ބަލަހައްޓަންވާނެ ކަމަށާއި ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށް ފަހު، މަރުވި މިހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އަންގަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

ފޫޅުމައި ފޯމު، އުފަން ދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަ ނޫން ބަދަލެއް ގެނެސްފި ނަމަ، އާންމު މީހަކު 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށާއި އެފަދަ އަމަލެއް ކުރީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000 ރުފިޔާ އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.