ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ މަދަނީ ޖަމިއްޔާތައް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ މަސައްކަތާއި މައުލޫމާތު އެއްތަނަކުން ލިމޭނެ ގޮތް މަގުފަހިކުރުމަށް ބާއްވާ ހަވަލި ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެ މިދެކޭ ޑިމޮކްރަސީ ގެނައުމުގައި ޖަމިއްޔާތަކުގެ މަސައްކަތް ބޮޑުކަމަށެވެ. އަދި މިސަރުކާރު ގެނައުމުގައި މަދަނީ ޖަމިއްޔާތަކުން ކުރި މަސައްކަތް ފާހަގަ ކުރެެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގައި ތިން ނުވަތަ ހަތަރު ކަމެއް އޮންނަ ކަމަށާއި ދެން އެންމެ މުހިންމު އެއް ތަނބަކީ މަދަނީ މުޖުތަމައު ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ދަތިތަކުން ސަލާމަތްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީ މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިނިސްޓަރު ވަނީ ފެއަރ ހުޅުއްވައި ދެއްވުމަށްފަހު ފެއަރގެ ސްޓޯލްތަކަށް ޒިޔާރަތްކޮށްފައެވެ.
މިމަހުގެ 16 އިން 18 އަށް ދަރުބާރުގޭގައި ބާއްވާ ހަވަލި ފެއަރގައި ރާއްޖޭގެ އަތޮޅުތަށް ހިމެނޭގޮތަށް 100 އަށްވުރެން ގިނަ ޖަމިއްޔާތަކުން އެފަރާތްތަކުގެ މަސައްކަތާއި މައުލޫމާތު އެއްތަނަކުން ފެނިގެން ދާނެއެވެ.