ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ ހިދުމަތް، ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫގައި މިއަދު ބޭއްވި އަބްދުލްޣަނީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރެންދޫގައި ހިންގުމަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ތެރޭގައި ފެނުގެ ނިޒާމު ހިމެނިފައި ނުވާތީ، އެމަސައްކަތުގެ ތެރެއަށް ފެނުގެ ނިޒާމުގެ މަޝްރޫއު ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަންނަ ރަމަޟާން މަހުގެ ކުރިން ކުރެންދޫއަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް، ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މަރުކަޒީ ބާރުތައް ހިފަހައްޓައިގެން ރަށްރަށް ތަރައްގީ ނުކުރެވޭނެ ކަމަށާއި ކައުންސިލްތަކަށް ބާރުތައްދީ، މާލީ ގޮތުން ކައުންސިލްތަކަށް ބާރުތައް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނު މިހާރު އަލުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅަން މިހާރު ތައްޔާރުވެފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ތެރެއިން އެބަދަލުތައް ގެނެވޭނީ އެނިޒާމަށް ތާއީދުކުރާ ބަޔަކު މަޖިލީހުގައި ބައިތިއްބައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތްް ފެއްޓެވި ނަމަވެސް އެކަންކަން ކުރުމަށް ސަރުކާރުގެ ތެރޭގައި ދަތިތަކެއް ހުރި ކަމަށެވެ.
އަދި އިސްލާހުކުރަންޖެހޭ ވަރަށް ގިނަކަންކަން ހުރި ކަމަށާއި ނަމަވެސް ސަރުކާރުގެ ހާލަތު ގޯސްކަމަށް ވިދާޅުވެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަޑުޖައްސައިގެން ހުންނެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.