ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވައްކަމާ ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތާ ދެކޮޅަށް މަޖިލީހުގައި އެބަ މަސައްކަތްކުރޭ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

4

ވައްކަމާއި ކޮރަޕްޝަން ނައްތައިލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫގައި މިއަދު ބޭއްވި އަބްދުލްޣަނީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެވައުދުތައް ގަބޫލު ނުކުރާ އަދި ތާއީދުނުކުރާ ބަޔަކު އެބަތިބި ކަމަށެވެ.

އެގޮތުން ވައްކަމާއި ކޮރަޕްޝަން ނައްތައިލުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅާއި އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން ކުރަމުން ދިޔައިރު މިއަދާހަމައަށް މަޖިލީހުގެ ތެރެއިން އެކަމަށް ހުރަސްއަޅާފައިވާކަމަށެވެ. އެސަބަބުތަކަށްޓައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެކަންކަން ގަބޫލުކުރާ ބަޔަކު މަޖިލީހުގައި ތިބެންޖެހޭ ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވި އިރު، ވައްކަމާއި ކޮރަޕްޝަން ބަލާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތައް ބަލައި ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

ނަމަވެސް އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، ބިލު އަނބުރާ ކޮމެޓީއަށް ފޮނުވައިލާފައިވަނީ ކޮމެޓީން ފާސްކުރި ގޮތައް ބަދަލު ގެނެސްފައިވާކަމަށް މެންބަރުން ވިދާޅުވުމުންނެވެ.

އެބިލު ހަތަރު ފަހަރެއްގެ މަތިން އެޖެންޑާކޮށްފައިވާއިރު މިހާތަނަށް ވޯޓަށް އަހާފައެއް ނުވެއެވެ. އެންމެ ފަހުން ބޭއްވި ޖަލްސާގައި ވޯޓަށް އަހާފައި ނުވާއިރު އެބިލު މިހާރު ވަނީ އެޖެންޑާއިން ވެސް ނަގާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟