ޝަހީދާ އަބްދުﷲ ސައީދު
ޅ. ނައިފަރު ހޮސްޕިޓަލު، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ނައިފަރު ދާއިރާއަށް ވާދަކުރައްވައި މުހައްމަދު ކާރިމްގެ ކެމްޕެއިން ޖަލްސާގައި މިއަދު ނައިފަރުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ނައިފަރުގެ ރައްޔިތުންނަށްޓަކައި ރިޔާސީ އިންތިޚާބުގައި ވައުދުތަކެއް ވެފައިވާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލު ތަރައްގީކޮށް އެތަނުން ލިބޭ ހިދުމަތްތައް ފުޅާކޮށް، އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވާހަކަތައް ރިޔާސީ އިންތިޚާބުގައި ދައްކަވައިފައިވާނެ ކަމަށެވެ. އެވައުދާ އެއްގޮތަށް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތައް ވަރަށް އަވަހަށް ފަށައިގެން ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނައިފަރުގައި ފެށިގެންދާއިރު، ރަށަށް ބޭނުންވާ ކެޕޭސިޓީ މިހާރު ނެތްކަމަށާއި އެކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ތިރީސް ޓަނުގެ ފެނުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި 60 ޓަނަށް ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ކަރަންޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެއް ހާސް ކިލޯވޮތްގެ ޖަނަރޭޓަރެއް އިންޖީނުގެއަށް ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.