ޝަހީދާ އަބްދުﷲ ސައީދު
އަވައްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދުމަށް ކުރާ އެއްވެސް މަސައްކަތަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ނައިފަރު ދާއިރާއަށް ވާދަކުރައްވައި މުހައްމަދު ކާރިމްގެ ކެމްޕެއިން ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ނައިފަރުގައި ބޭއްވި އެޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ އަސާސީ ހައްގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ދުވަހު ކޮށްދެއްވާފައިވާކަމަށެވެ. އެގޮތުން ހިޔާލުފާޅުކުރުމާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަމަށް ހުރަސްއެޅިފައިހުރި ހުރިހާ ގާނޫނުތަކެއް ބާތިލުކޮށްފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
''މިނިވަންކަމާއެކު އަޑުއުފުލުމުގެ ފުރުސަތު މިސަރުކާރުގައި އެންމެންނަށްވެސް ލިބިފައި އޮންނާނެ. އެހެންނަމަވެސް ގައުމުގެ މަސްލަހަތު ގެއްލުވާލައި އަމަންއަމާންކަން ގެއްލުވާލައި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ފިތުނަ އުފައްދަން، އަދި އަޅުގަނޑުމެންނާ ގާތްގުޅުން އޮތް ގައުމުކާ ދޭތެރޭގައި ފިތުނަ އުފައްދަންކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވި އިރު ރާއްޖެއާއި އެންމެ ގާތް ގުޅުމެއް މިހާރު އުފެދިފައިވަނީ އިންޑިއާއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއް މާލޭ ސިޓީ ކައުންސިލުގެ އެންގުމާއެކު ފުލުހުން ވަނީ ހުއްޓުވައިފައެވެ.