ޚަބަރު

އަމީނީ މަގުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑަބްލިއުއެސްސީ

މުހައްމަދު ޖަމްޝަތް ވަހީދު

އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަގުހެދުމަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭން ޖެހޭ ސާމާނު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެން އެ މަޝްރޫއު ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ން ވަނީ އެކަން ދޮގުކޮށްފައެވެ. އާރުޑީސީން ބުނާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށް އެބަދެއެވެ. ނަމަވެސް މިވަގުތައް މަޝްރޫއުގެ މަސައްކަތް އޮތީ މަޑުޖައްސާލާފައި ކަމަށާއި އެއީ މަގު ހެދުމަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭން ޖެހޭ ބައެއް ވަސީލަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ވަން" އަށް މިއަދު ވިދާޅުވީ އެ ސާމާނު އާރުޑީސީއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. މަޝްރޫއަށް ބޭނުންވާ ގިނަ ސާމާނު މިހާރުވެސް ހަމަޔަށް އެބަހުރި ކަމަށާއި އިތުރަށް ބޭނުންވާ ސާމާނުވެސް ވަރަށް އަވަހަށް ލިބޭވަރު ވާނެކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށް މެޓީރިއަލް ލިސްޓު ޗެކުކުރަމުން މިދަނީ. ހަމަނުވާ އައިޓަމްތައް ބެލުމަށް. މައިގަނޑު ހުރިހާ އެއްޗެއް ހަމަޔަށް އެބަހުރި. މޭން ހޯލް މަދުވަނީ، އެވެސް އެބަހުރި. ބޭނުންވާ ވަރަށް ނެތީ" ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތަށް މަދުވަނީ ނަރުދަމާ ނިޒާމަށް ބޭނުންކުރާ "މޭންހޯލް"ތައް ކަމަށެވެ. އަދި އެތަކެތިވެސް މިއަދުގެ ވަގުތެއްގައި ކަސްޓަމުން ކްލިއާ ކުރެވޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއަކީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީން އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކުރީ މި އަހަރު ޖުލައިގައެވެ. ޖުމުލަ 10 މަސް ތެރޭ ފުރިހަމަކޮށް ނިންމަން ޖެހޭ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓު 30 ގައެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އާރުޑީސީން އިއްޔެ ބުނީ އެ މަސައްކަތް ކުރިއަށްގެންދަނީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވެގެން ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުކޮށްގެން ކުރިއަށްގެންދަން ޖެހުނަސް އެ މަސައްކަތް ކުރެވޭނެ ގޮތް ރޭވިފައިވާ ކަމަށެވެ.