ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ، މާލެ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ގެތަކުންނާއި އެ މީހުން ބޭނުން ކުރަމުންދާ ބައެއް ގެތަކާއި ވެހިކަލް އަދި ޑިންގީއެއް ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުގައި ހުރި މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކުރި އިރު، އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއް ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި އެމްއެންޑީއެފްގެ (އެކްސްޕޯސިވް އޯޑްނަންސް ޑިސްޕޯސަލް) އީއޯޑީއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އީއޯޑީގެ ފަރާތުން ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ވަނީ ދައްކައިފަ. މިގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއްކަމާއި މިވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނަ އާއި މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީ ގެ ފަރާތުން ފާހަގަކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެ އާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ކެމިކަލެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންނާއި ސިފައިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ އައްޑޫގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކޮށް، ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރުގެ މީހުން ދޭ އުޅުނު ހަމަލާ ކާމިޔާބުވިނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ފުލުހުންނާއި ސިފައިން ވަނީ އޮޕަރޭޝަން ތެރެއިން އެ ހަމަލާ ފެއިލްކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގެ ތުހުމަތައް ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ހަތަރު މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު، ފަސް މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.