ޚަބަރު

އަމީނީމަގުގެ މަސައްކަތް ކުރިއަށް ދަނީ ޕްލޭނާ އެއްގޮތަށް: އާރްޑީސީ

މުހައްމަދު ޖަމްޝަތް ވަހީދު

އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދަނީ އެ މަޝްރޫއު ޕްލޭނު ކުރިގޮތަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެން ކަމަށާއި އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މަސައްކަތުގެ ޕްލޭން އޮޅޭ ގޮތަށް ދެކެވޭ ދޮގު ވާހަކަތަކެއް ކަމަށެވެ.

އާރްޑީސީން ބުނީ އަމީނީ މަގު މަޝްރޫއަކީ އާރްޑީސީގެ އިތުރުން ގިނަ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މިވަގުތު އެ މަސައްކަތް މަޑުޖެހިފައިވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ.

އަދި އަމީނީ މަގު ސެގްމެންޓު އެކެއްގައި ތާރުއެޅުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުކޮށްގެން ކުރިއަށްގެންދަން ޖެހުނަސް އެ މަސައްކަތް ކުރެވޭނެ ގޮތް ރޭވިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.

އާރްޑީސީން އިތުރަށް ބުނީ އެ މަގުގައި ތާރުއަޅަން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބިލަބޮންގް ސްކޫލާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދެވުމުން ކަމަށާއި ނަމަވެސް ތާރު އަޅަން ނުފެށި ކަމުގައިވިޔަސް އެހެނިހެން މަސައްކަތް ނިމޭ ވަރަކުން އެ ސަރަހައްދުތަކަށް ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.