އަލީ ޔާމިން
އެމްއެެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުންތައް މި ހަފުތާގެ ނިޔަލަށް ނިންމާލައި ހުސާލާ ބަޔާން އިއްވުން މިމަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފިއެެވެ.
ކްރިމިނަލް ކޯޓުގައި މިހާރި ކުރިއަށްދަނީ އެ މައްސަލައިގެ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބައެކެވެ. އިއްޔެ ވަނީ މައްސަލަ ރައްދުވާ ޔާމީންގެ ފަރާތްޕުޅުން ހެއްކާ ގުޅޭ ގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކޮށް ނިންމައިފައެވެ. ދެން އެ މައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮތީ ޔޫސުފް ނައީމަށެވެ.
ޔޫސުފް ނައީމްގެ ފަރާތުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު މެންދުރުފަހު 1:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
އިއްޔެ ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 150 ވަނަ މާއްދާގެ (ހ) އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 129 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޔާމީނަށް ކުރާ ދައުވާއާއި ގުޅިގެން ހުލާސާ ބަޔާން އިއްވުން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޔޫސުފް ނައީމްގެ ހުލާސާ ބަޔާން އޮންނާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.
ޔާމީނަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.