ޚަބަރު

އިންތިހާބު ކާމިޔާބު ކުރެވުނީ ޕާޓީތަކުގެ އެހީގައި، އެ ބޭފުޅުން ހަނދާނެން ނައްތައެއް ނުލާނަން: ރައީސް

އަހުމަދު ޖައިޝަން

2

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ އޭރުގައި ކޯލިޝަންގައި ތިބި ޕާޓީތަކާއި އެނޫން ބޭފުޅުންގެވެސް ވަރަށް ބުރަ މަސައްކަތުން ކަމަށާއި އެ ބޭފުޅުން މަތީން ދުވަހަކުވެސް ހަނދުމަފުޅު ނައްތާ ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި އެމަނިކުފާނަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމުގެ ފަހަތުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ވަކިވަކި އެތައް ފަރުދެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ.

"އެއީ ސަބަބުތަކެއް ނެތިއެއް ނޫން. އެ ދުވަހުގެ ހާލަތަށް ބަލައި، ރާއްޖެ ބަދަލުކުރަން ޖެހިފައިވާކަން އެންމެންނަށް ގަބޫލުކުރެވޭތީ އެންމެން އެކުގައި ނިކުމެ އެ މަސައްކަތް ކުރީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ހާ ދުވަހެއްގައި އެ ބޭފުޅުންގެ މަތީން ހަނދުމަފުޅު ނެތިގެން ނުދާނެ ކަމަށެވެ.

"އަދި އަޅުގަނޑު މިއަދު ކުރަން ނުކުމެ މިހުރި މަސައްކަތުން އެއިން އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ވިޔައެއް ނުދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟