ޚަބަރު

ނިއުޒިލެންޑްގެ މިސްކިތްތަކުގައި ދިން ބަޑީގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވޭ: ފޮރިން މިނިސްޓަރު

ނިއުޒިލެންޑްގެ މިސްކިތްތަކުގައި ދިން ބަޑީގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ނިއުޒިލެންޑުގައި ބަޑީގެ ހަމަލާތައް ދިން އެ ސަރަހައްދަކީ ދިވެހިން ވެސް ދިރިއުޅޭ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޝާހިދު ވިދާޅުވީ އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއްވެ، ނުވަތަ މަރުވެފައި ނުވާ ކަމަށާއި އެ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

އެ ހަމަލާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.