ނިއުޒިލެންޑްގެ މިސްކިތްތަކުގައި ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކާއި އެގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާ މީހުން އަދި ނިއުޒިލެންޑްގެ ރައްޔިތުންނަށް ހެޔޮދުއާ ކުރާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ ނިއުޒިލެންޑުގެ މިސްކިތްތަކަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެ ހަމަލާތަކާ ގުޅިގެން ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަނީ އެ ހަމަލާގައި މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.