ޚަބަރު

އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފި

މުހައްމަދު އިޝާން

އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ހަމަވާއިރު، އެ އޮފީހުން ބަލަމުންދާ ބައެއް މައްސަލަތައް ނުނިމި އެބަހުރި ކަމަށެވެ. އެހެންވެ މުއްދަތު ހަމަވާ ތާރީހު އިތުރުކޮށްދިނުމަށް އޮމްބަޑްސްޕާސަން އޮފީހުން އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޮބްޑަސްޕާސަން އޮފީހުން އެގޮތަށް އެދިފައިވާތީ ރައީސް ސޯލިހު މިއަދު ވަނީ އެ އޮފީހުގެ މުއްދަތު އިތުރުކޮށްދެއްވައިފައެވެ.

"އިންތިގާލީ އިންސާފުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިތުރުކޮށްދެއްވި" ރައީސް އޮފީހުން ބުންޏެވެ.

އޮމްބަޑްސްޕާސަން އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ތިނަދޫން މީހުން ބޭލުވި މައްސަލަ އާއި ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލި ހާދިސާ އަދި ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ ޖަލުތަކުގައި އިންސާނީ ހައްގުތަކާ ހިލާފު ލާއިންސާނީ އަމަލުތައް ހިންގާފައިވޭތޯ ބެލުމަށް ކުރާ ތަހުގީގު ހިމެނެއެވެ.

އޭގެ ތެރެއިން ތިނަދޫން މީހުން ބޭލުވި މައްސަލައިގައި ބަޔާންތައް ނެގުމުގެ މަސައްކަތް ކުރަމުންދާ އިރު، ޖަލުތަކުގައި އަނިޔާ ލިބުނު މީހުން އެ އޮފީހަށް ބަޔާން ދިނުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ފާއިތުވި ދެ އަހަރު އެ އޮފީހަށް 500 މައްސަލަ ހުށަހަޅާފައިވެއެވެ.

އޮމްބަޑްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވަން ރައީސް ސޯލިހު ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ނިންމަވައިފައެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެއްދި އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.