ސްކޫލުން އަންގާ އެންގުންތަކަށް ދެކޮޅު ހަދައި އެކަން ކުރުމަށް އިންކާރުކުރި އުކުޅަހު ސްކޫލުގެ ތިން ޓީޗަރަކު ސަސްޕެންޑު ކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ތިން ޓީޗަރުން ސަސްޕެންޑު ކޮށްފައިވަނީ ސްކޫލް ކޮންސެޓަށް ކުދިން ލައްވައި ނަށުވަން ދެކޮޅު ހެދުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ އަދި ޒިންމާއަކީ ގައުމީ މަންހަޖާ އެއްގޮތަށް ހަވާލުކުރެވޭ، ކީސްޓޭޖެއްގެ/ގްރޭޑެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލުވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެކަންކަން ހާސިލްކުރުމަށް ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ، މި މައްސަލައިގެ އިދާރީ ތަހުގީގު ހިންގުމަށްޓަކައި، މިއަދުން ފެށިގެން ހަތް ދުވަހުގެ މުއަދަތަކަށް ތިން ޓީޗަރަކު އޮފީހަށް ނިކުތުން މަނާކޮށްފައިވާ ކަމަށެވެ.