ޚަބަރު

ޕެޓްރޯލް ލިޓަރަކުން 60 ލާރި، ޑީސަލް ލިޓަރަކުން 72 ލާރި ބޮޑުކޮށްފި

ޕެޓްރޯލް ލިޓަރަކުން 60 ލާރި، އަދި ޑީސަލް ލިޓަރަކުން 72 ލާރި ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން ކަމަށެވެ.

މީގެ ކުރިން ޕެޓްރޯލު ލީޓަރެއްގެ އަގު 10.19 ރުފިޔާއަށް އުޅުނު ނަމަވެސް، މިހާރު ޕެޓްރޯލު ލީޑަރެއްގެ އަގަކީ 10.79 ރުފިޔާއެވެ. އަދި ކުރިން ޑީސަލް ލީޓަރެއްގެ އަގު 10.89 ރުފިޔާއަށް އުޅުނު ނަމަވެސް، މިހާރު ޑީސަލް ލީޓަރެއްގެ އަގަކީ 11.61 ރުފިޔާއެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައި ކަމަށެވެ.

މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައި ކަމަށާއި އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"މީގެ އިތުރުން އެމެރިކާއިން އަދިވެސް އީރާނާއި ވެނެޒުއާލާއަށް ދަތިކުރުމުގެ ފިޔަވާޅުތައް ކުރިއަށް ގެންދެއެވެ. އެމެރިކާއިން ބޭނުންވަނީ އީރާންގެ އެކްސްޕޯރޓް މެއި މަހުން ފެށިގެން ދުވާލަކު އެއް މިލިއަން ފިފާއަށް ދަށް ކުރުމަށެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުންފުނިތަކަށް ވެނެޒުއޭލާއާއި ވިޔަފާރި ކުރުން މަނާ ކޮށްފައެވެ..،" އެސްޓީއޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެސްޓީއޯ އިން ބުނީ ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް، އީޔޫ އިން ވަކިވާ ތާރީހު ލަސް ވާނެ ކަމަށް ލަފާކުރެވޭތީވެ ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް މިވަގުތު އައިސްދާނެ ބަދަލުތައް ކުޑަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ކަމަށެވެ.

މިގޮތަށް ބާޒާރުގައި ވިސްނުން ހުރުމުން ތެލުގެ އަގު ބުދަ ދުވަހު ވަނީ 2018 ނޮވެމްބަރުގައި ހުރި އަގުތަކަށް ވުރެ މައްޗަށް ޖެހިފައި ކަމަށާއި މިގޮތުން ބަލައިލާއިރު ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގުގެ ބެންޗްމާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ދިވެހި ރާއްޖެއަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮންނެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އާދެއެވެ. މި ސަބަބުތަކަށްޓަކައި އެސްޓީއޯ އިން ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ނިންމައިފައެވެ..،" އެސްޓީއޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގައި އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. އަދި އެއަށްފަހު ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ފެބްރުއަރީ ގައެވެ. އެފަހަރު ބަދަލު ގެނެސްފައިވަނީ ހަމައެކަނި ޑީސަލްއަށެވެ.

ތެލުގެ އަގަށް ބަަދަލު ގެންނަން ޖެހުމާ ގުޅޭގޮތުން އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒެއް ނޫނެވެ. އަދި އެސްޓީއޯ އިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގުދެމިގެންދާ ހާލަތްތަކުގައެވެ. އަދި އަގުހެޔޮވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯ އިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.